ފެށުން. 22. މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްﷲ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”އިބްރާހީމް.“ އެހިނދު އިބްރާހީމްގެފާނު ޖަވާބު އެރުވިއެވެ. ”މާތްރަސްކަލާކޮ. އަޅާ ޙާޟިރުވެ ހުރީމު.“ ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިޔަކީ ތިޔައީ. ތިބާގެ ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން އަންގަވާނަން.“ އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްﷲ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ. ތިންވަނައަށް ވީ ދުވަހު އިބްރާހީމްގެފާނަށް މާތްﷲ އެންގެވި ތަން ދުރުން ފެނިވަޑައިގަތެވެ. އެހިނދު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޚާދިމުންނަށް ވިދާޅުވިއެވެ. ”އަހަރެންނާއި އަހަރެންގެ ދަރިފުޅު ކުޑަތަންކޮޅެއް ދުރަށް ދަތުރުކޮށްގޮސް އެތަނުގައި އަހަރެމެން މާތްﷲގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި އަންނަންދެން ހިމާރު ކައިރީ މިތަނުގައި ތިޔަބައިމީހުން ތިބޭ.“ ޤުރުބާން އެންދެވުމަށްޓަކައި ގެންދެވުނު ދަރުތައް އިސްޙާޤުގެފާނުގެ ކޮނޑުފުޅަށް އިބްރާހީމްގެފާނު ނަންގަވައި ދެއްވިއެވެ. ނަމަވެސް އަނގުރު އަލިފާނާއި ހަންޖަރު ހިއްޕަވައިގެން ހުންނެވީ އެކަލޭގެފާނެވެ. އެއަށް ފަހު އެ ދެބަފައިކަލުން އެކުގައި ވަޑައިގެންނެވިއެވެ. ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑުމެންގެ އަތުގައި ދަރާއި އަނގުރު އަލިފާން އެބަހުރި. ނަމަވެސް ޤުރުބާނުގެ ގޮތުގައި އަންދާލެވޭ ކަންބަޅި ކޮބައިތޯ؟“ އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”މަގޭ ދަރިފުޅާ، ޤުރުބާން ކުރައްވާނޭ ކަންބަޅިއެއް މާތްﷲ މެދުވެރި ކުރައްވާނެ.“ އެއަށް ފަހު އެދެބަފައިކަލުން އެކުގައި ހިންގަވާ ވަޑައިގެންނެވިއެވެ. އަދި މާތްﷲ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ. ދެން އިބްރާހީމްގެފާނުގެ އަތްޕުޅުގައި އޮތް ޚަންޖަރު ނެންގެވުމަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރުވެ ވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ގޮވާލެއްވިއެވެ. ”އިބްރާހީމް! އިބްރާހީމް!“ އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ. ”އަޅާ ޙާޟިރުވެ އެބަ ހުރީމު!“ އެހިނދު މަލާއިކަތާ އެންގެވިއެވެ. ”އެއްވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްރަސްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.“ އެއަށް ފަހު އިބްރާހީމްގެފާނު އިސްއުފުލާ ބައްލަވާލެއްވިއެވެ. އަދި އެތަނުގައިހުރި ގަސްބޮނޑިއެއްގެ ތެރޭގައި ދަޅުތައް ތާށިވެފައިއޮތް ފިރިހެން ކަންބަޅިއެއް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. ދެން އިބްރާހީމްގެފާނު ވަޑައިގެން އޭތި ގެންނަވައި އެކަލޭގެފާނުގެ ދަރިކަލުންގެ ބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް އަންދާލެވޭ ޤުރުބާނުގެ ގޮތުގައި އެ ފިރިހެން ކަންބަޅި ޤުރުބާން ކުރެއްވިއެވެ. މިހެންވުމުން އެކަލޭގެފާނުގެ ދަރިކަލުން ސަލާމަތް ވިއެވެ. އެތަނުގެ ނަމެއްގެ ގޮތުގައި ”މާތްރަސްކަލާނގެ މެދުވެރި ކުރެއްވުން“ ކަމުގައި ވިދާޅުވެ އެތަނަށް އިބްރާހީމްގެފާނު ނަންދެއްވިއެވެ. މި ފޮތް ލިޔުނު ދުވަސްވަރު ހަރުބަހެއްގެ ގޮތުގައި އެޙާދިސާއަށް ނިސްބަތްކުރައްވާ މީސްތަކުން މިފަދައިން ބުނެއުޅުނެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ފަރުބަދައިގައި މެދުވެރިކޮށްދެއްވާނެ.“ މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ދެވަނަފަހަރަށް އިބްރާހީމްގެފާނަށް ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުން އެކަލާނގެ ކިބަފުޅަށް އެކަލާނގެ ނަންފުޅުގައި ޤުރުބާން ކުރެއްވުމަށް ފަސްޖެހިވެ ވަޑައިނުގަންނެވުމުން އެކަލާނގެ ކަލޭގެފާނަށް މިފަދައިން ވަޢުދުވެ ވަޑައިގަންނަވާ. ’ތިމަންކަލާނގެ ހަމަ ޔަޤީނުންވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ. ތިބާގެ ދަރިފަސްކޮޅު މެދުވެރިކުރައްވާ ތިމަންކަލާނގެ ދުނިޔޭގެ އެންމެތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށިން. އެއީ ތިބާ ތިމަންކަލާނގެ ކިބަފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވުމުން.‘“ އެއަށް ފަހު އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ދެބަފައިކަލުން އެކަލޭގެފާނުގެ ޚާދިމުން ތިބިތަނަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެ ދެބަފައިކަލުންގެ އިތުރުން ޚާދިމުން ބިއުރުސަބްޢައަށް ވަޑައިގެންނެވުމަށް ފަހު އެތަނުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ. މީގެ އިތުރުން ނާޙޫރުގެ ޖާރިޔާއެއް ކަމުގައިވާ ރައޫމަތުއަށް ވެސް ހަތަރު ފިރިހެން ދަރިން ލިބުނެއެވެ. އެކުދިންނަކީ ޠާބަޙު އާއި ޖާޙަމް އާއި ތާޙަޝްގެ އިތުރުން މަޢުކަތު އެވެ.