ފެށުން. 21. މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން އެކަލާނގެ ސާރާއަށް ރަޙުމަތްލެއްވި އެވެ. އިބްރާހީމްގެފާނު ޢަޖޫޒު ޙާލަތުގައި ވީ ހިނދު ސާރާ އާލާސްވެ އިންނަވައި އިބްރާހީމްގެފާނަށް ފިރިހެން ދަރިކަލަކައިގެން ރައްކާވެވަޑައިގަތެވެ. މިހުރިހާ ކަމެއްމެ މާތްﷲގެ ވަޙީކުރެއްވި ވަގުތުގައި ހިންމަވައި ދެއްވިއެވެ. އަދި ސާރާއަށް ލިބިވަޑައިގަތް ދަރިކަލުންނަށް އިސްޙާޤުއޭ ކިޔައި އިބްރާހީމްގެފާނު ނަން ދެއްވިއެވެ. އެދަރިކަލުންގެ އުމުރުފުޅުން އަށްވަނަ ދުވަހު މާތްﷲ ވަޙީ ކުރެއްވި ގޮތުގެ މަތިން އިބްރާހީމްގެފާނު އެދަރިކަލުން ޚިތާނު ކުރެއްވިއެވެ. އިބްރާހީމްގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ އަހަރުގައެވެ. އަދި ސާރާ ވިދާޅުވިއެވެ. ”މާތްﷲ އަހަރެންނަށް ހުނުމުގެ އުފާވެރިކަން ދެއްވައިފި. މިވާހަކަ އަޑުއެހި ކޮންމެ މީހަކުމެ އަހަރެންނާއި އެކުގައި މި ހުނުމުގެ އުފަލުގައި ބައިވެރިވާނެ. ކާކުތަ ހީކުރާނީ އަހަރެން ދަރިއެއްގެ މަޔަކަށް ވާނެޔޭ؟ އެކަމަކު އިބްރާހީމްގެފާނު ޢަޖޫޒުވި ދުވަހު ފިރިހެން ދަރިކަލަކު އަހަރެންނަށް ލިބިއްޖެ.“ އިސްޙާޤުގެފާނު ކިރުތުނބުން ވީއްލައި ކައިބޮއި އުޅެވެން ފެށުމުން އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނު ވަރަށް ބޮޑު ޖާފަތެއް ދެއްވިއެވެ. އެއްދުވަހަކު ހާޖަރުގެ ފިރިހެންދަރިކަލުން އިސްމާޢީލް، އިސްޙާޤާއިއެކުގައި ތޮޅެސަމާސާ ކުރަނިކޮށް ސާރާއަށް ފެނިވަޑައިގަތެވެ. އަދި ސާރާ އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”މިޞްރުގެ މި ޖާރިޔާ އާއި އޭނާގެ ދަރި ފޮނުވާލައްވާ! އަދި އޭނާގެ ދަރިއަށް ތަރިކަ މުދަލުން އެއްވެސް މިންވަރެއް ވެސް ދެއްވައިގެން ނުވާނެ. އެންމެހާ ތަރިކަ މުދަލެއް ލިބެން ޖެހޭނީ އަހަރެންގެ ދަރިފުޅު އިސްޙާޤަށް.“ މިކަމުގެ ސަބަބުން އިބްރާހީމްގެފާނު ކަންބޮޑުފުޅުވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އިސްމާޢީލްގެފާނަކީ ވެސް އިބްރާހީމްގެފާނުގެ ދަރިކަލެއްވީމައެވެ. ނަމަވެސް މާތްﷲ އިބްރާހީމްގެފާނަށް ވަޙީކުރެއްވިއެވެ. ”ތިދަރިފުޅާއި މެދު އަދި ތިބާގެ ޖާރިޔާއާއި މެދު ކަންބޮޑު ނުވޭ! ސާރާ އެ ބުނި ފަދައިން ކަންތައް ކުރޭ. ތިމަންކަލާނގެ ވަޢުދުވެވަޑައިގެންނެވި ފަދައިން ތިބާއަށް ދަރިފަސްކޮޅެއް ދެއްވާނީ އިސްޙާޤުގެފާނު މެދުވެރިކޮށް. ނަމަވެސް ތިމަންކަލާނގެ އިސްމާޢީލްއަށް ވެސް ދަރިފަސްކޮޅެއް ދެއްވައި މަތިވެރި ޤައުމެއްގެ ގޮތުގައި ލައްވާނަން. އެއީ އޭނާއަކީ ވެސް ތިބާގެ ދަރިއެއް ކަމުގައިވާތީ.“ އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ. އެންމެފަހުން ފެން ހަމުގައިވާ ހުރިހާ ފެނެއް ހުސްވުމުގެ ސަބަބުން ހާޖަރު އޭނާގެ ދަރިފުޅު ގަހެއްގެ ދަށުގައި ބާއްވައި ތަންކޮޅެއް ދުރުގައި އިށީނދެ ބަލަން އިނެވެ. އެހިނދު އޭނާގެ ހިތަށް އެރިއެވެ. ”އަހަރެންގެ ދަރިފުޅު މަރުވެދާނެ. އަދި އެ ދަރިފުޅު މަރުވަމުންދާތަން ދުށުމަށް އަހަރެންނަށް ކުޅަދާނައެއްނުވާނެ.“ މިހެން ހިތަށް އަރައި އޭނާއަށް ރޮވެންފެށިއެވެ. އެކުއްޖާގެ ރުއިމުގެ އަޑު މާތްﷲ އައްސަވާ ވޮޑިގެންވިއެވެ. އެހިނދު އެކަލާނގެ މަލާއިކަތާ އުޑުން ފޮނުއްވައި ހާޖަރުއާއި މުޚާތަބުކޮށް ވިދާޅުވިއެވެ: ”ހާޖަރު، ފިކުރު ބޮޑުވެ ތިޔަ ރޮނީ ކީއްވެ؟ ބިރުނުގަނޭ. އެދަރިފުޅުގެ ރުއިމުގެ އަޑު މާތްﷲ އައްސަވާ ވޮޑިގަންނަވައިފި. ތެދުވެގެން ގޮސް ކަނބުލޭގެ އަތްދަނޑިމައްޗަށް އެ ދަރިފުޅު ނަންގަވާ ދަރިފުޅު މަސަލަސް ކުރޭ. ތިމަންކަލާނގެ މަތިވެރިވެގެންވާ ޤައުމެއް އެދަރިފުޅުގެ ދަރިފަސްކޮޅުން އުފައްދަވާނަން.“ ދެން އެތަނުގައި ވީ ފެންވަޅެއް މާތްﷲ ހާޖަރަށް ދެއްކެވިއެވެ. އެހިނދު އެ ފެންވަޅުގެ ކައިރިއަށް ހާޖަރު ގޮސް އެކަނބުލޭގެ އަތުގައި އޮތް ހަން ފުރެންދެން ފެންއަޅައި އެދަރިފުޅަށް ފެންބޯންދީފިއެވެ. އިސްމާޢީލްގެފާނު ބޮޑުފުޅުވަމުން އައި ހިނދު އެކަލޭގެފާނަށް މާތްﷲ ރަޙުމަތްލެއްވިއެވެ. އެކަލޭގެފާނަށް ވަނީ ދުނި ދަނޑި ޖެހުމުގެ ހުނަރުތައް ވެސް ލިބިވަޑައިގެންފައެވެ. އެކަލޭގެފާނު ދިރިއުޅުއްވާފައި ވަނީ ފާރާންއޭ ކިޔުނު ސަހަރާގެ ތެރޭގައެވެ. އެކަލޭގެފާނު ކައިވެނި ބައްލަވައި ގަތުމަށް މިޞްރުން އަންހެން ކުއްޖަކު އެކަލޭގެފާނުގެ މައިކަނބަލުން ހޮއްވެވިއެވެ. އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްﷲ ބަރަކާތް ލައްވަވާ. އެހެންވީމާ، މާތްﷲގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑާއެކުގައި ކަލޭގެފާނު މުޢާހަދާއެއްގެ ވަޢުދުފުޅު ކުރައްވާ. އެއީ ކަލޭގެފާނު މި ޤައުމުގައި ދިރިއުޅުއްވާހާ ހިނދަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ނޫނީ އަޅުގަނޑުގެ ދަރިފަސްކޮޅަށް ހީލަތެއް ނުހެއްދެވުމަށާއި އަދި އަޅުގަނޑު ކަލޭގެފާނަށް އަމާނާތްތެރި ކަމުގައި ވާހާ ހިނދަކު ކަލޭގެފާނަށް އަޅުގަނޑު ކަމޭހިތި ފަދައިން އަޅުގަނޑާއި މެދު އެފަދައިން އަމަލު ކުރެއްވުމުގެ މުޢާހަދާއެއްގެ ވަޢުދުފުޅު.“ އިބްރާހީމްގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”އެންމެ ރަނގަޅު، ތިޔަފަދައިން އަހަރެންވެސް ވަޢުދުވަމު!“ އެއަށް ފަހު އެކަލޭގެފާނުގެ ޚާދިމުންގެ އަތުން އަބީމާލިކުގެ ޚާދިމުން ނުޙައްޤުން އަތުލައިގަނެފައިވާ ވަޅަކާއި ބެހޭގޮތުން އިބްރާހީމްގެފާނު އަބީމާލިކުއަށް ޝަކުވާ އުފުއްލެވިއެވެ. އެހިނދު އަބީމާލިކު އެކަލޭގެފާނަށް ދެންނެވިއެވެ. ”ތިޔަފަދަކަމެއް ކުރި މީހަކު އަޅުގަނޑަކަށް ނޭނގެ. ކަލޭގެފާނު މީގެކުރިން ތިޔަ ވާހަކައެއް ވިދާޅެއްނުވަމު. އަދި ތިޔަވާހަކަ އަޅުގަނޑު އެހި މިއީ ފުރަތަމަ ފަހަރުވެސްމެ.“ ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަތްޕުޅުގައި ވީ ބައެއް ކަންބަޅި ބަކަރިތަކާއި ގޮންގަނޑުގެރި އަބީމާލިކުއަށް ދެއްވިވެ. އެއަށް ފަހު ސުލްޙައިގެ މުޢާހަދާއެއް އެ ދެބޭކަލުން ކުރެއްވިއެވެ. ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން އަންހެން ޅަ ކަންބަޅީގެ ހަތްކަންބަޅި ވަކިކުރެއްވިއެވެ. އެހިނދު އަބީމާލިކު ސުވާލު ކުރެއްވިއެވެ. ”އެފަދައިން ތިޔަ އަމަލު ކުރެއްވީ ކީއްކުރައްވަންތޯ؟“ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”އެއީ އެވަޅަކީ އަހަރެން ކޮނުނު ވަޅެއްކަމުގައި ތިބާ ހެކިވުމުގެ ގޮތުން މި ޅަ ކަންބަޅީގެ ހަތްކަންބަޅި އަހަރެންގެ ފަރާތުން ތިބާ ގަބޫލު ކުރުމަށްޓަކާ.“ އެގޮތުން އެ ވަޅު ހުރިތަނަށް ބިއުރުސަބްޢައޭ ކިޔައި ނަން ދެވުނެވެ. އެއީ އެ ދެބޭކަލުންގެ މެދުގައި ވެވުނު މި މުޢާހަދާގެ އެއްބަސްވުން އެތަނުގައި ކުރެވުނީމައެވެ. އިބްރާހީމްގެފާނާއި އަބީމާލިކު ބިއުރުސަބްޢަގައި ވެވުނު އެއްބަސްވުމަށް ފަހު އަބީމާލިކު އާއި އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލް އެނބުރި ދިޔައީ ފިލިސްޠީނުގެ ސަރަހައްދަށެވެ. އިބްރާހީމްގެފާނު ސަރްމަދީ ގަހެއް ބިއުރުސަބްޢަގައި އިންދެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެތަނުގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރެއްވިއެވެ. އެކަލާނގެއީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއެވެ. އިބްރާހީމްގެފާނު ބިދޭސީއެއްގެ ގޮތުގައި ގިނަ ޒަމާންތަކެއް ވަންދެން ފިލިސްޠީނުގެ ސަރަހައްދުގައި ދިރިއުޅުއްވިއެވެ.