ފެށުން. 12. އަބްރާމްއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިބާގެ ރަށާއި ތިމާގެމީހުންނާއި ތިބާގެ ބައްޕަގެ ގެ ދޫކޮށް ތިމަންކަލާނގެ ދައްކަވާ ރަށަކަށް ދަތުރު ކުރޭ. ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ. ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.“ ދެން އަބްރާމް މާތްރަސްކަލާނގެ އެންގެވި ފަދައިން ޙާރާން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި އެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ. އޭރު އަބްރާމްގެ އުމުރުފުޅަކީ ހަތްދިހަ ފަސް އަހަރުފުޅެވެ. އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއީ އާއި އެކަލޭގެފާނުގެ ބޭބެގެ ދަރިފުޅު ލޫޠުގެފާނާއި އަދި އެ ދެބޭކަލުންގެ އަތްޕުޅުގައި ވާހާ މުދަލަކާއި އަދި އެބޭކަލުންގެ އަރިހުގައި މަސައްކަތު އުޅުނު އެންމެންނާއި އެކު ކަންޢާނުއަށް ވަޑައިގަތުމަށް ދަތުރުކުރައްވަން ފެއްޓެވިއެވެ. އަދި އެބޭކަލުން ދަތުރުކޮށް ކަންޢާނުއަށް ވަޑައިގެންނެވިއެވެ. އަބްރާމް ދަތުރުކުރައްވާ ޝަކީމް ގައިވާ މޫރަތުގެ މަޝްހޫރު ބޮޑު ގަހާއި ހަމައަށް ވަޑައިގެންނެވިއެވެ. އޭރު ކަންޢާނުގެ މީހުން ވަނީ އެރަށުގައި ވަޒަންވެރިވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ. އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާގޮތަށް އަދި އިރުމައްޗަށް ޢާޔު އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. އެއަށް ފަހު އަބްރާމް ދަތުރު ކުރައްވަމުން ގެންދެވީ ކަންޢާނުގެ ދެކުނު ހިސާބާއި ދިމާލަށެވެ. އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ. އެބޭކަލުން މިޞްރާ ވަރަށް ކައިރިވެފައި ވަނިކޮށް އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ”ސާރާއީ. ތިބާއަކީ ވަރަށް ރީތި އަންހެނެއް. މިޞްރުގެ މީހުންނަށް ތިބާގެ ރީތިކަން ފެނުމުން ބުނާނެ. ’މިއީ މިމީހާގެ އަންހެނުން.‘ ދެން އެމީހުން ތިބާ ގެންގޮސްފާ އަހަރެން މަރާލާފާނެ. ތިބާ އެމީހުން ގާތު ތިބާ ތިޔައީ މަގޭ ކޮއްކޮއޭ ބުނޭ. އޭރުން ތިބާގެ ސަބަބުން އެމީހުން އަހަރެންނަށް ހެޔޮކޮށްހިތާނެ. އަދި އޭރުން އަހަރެންގެ ފުރާނަ ވެސް ސަލާމަތްވާނެ.“ އަބްރާމް މިޞްރަށް ވަޑައިގަތުމުން އެރަށުގެ އެންމެންނަށް ވެސް ސާރާއީ ފެނި އެ ކަމަނާގެ ރީތިކަން ފާހަގަކުރެވުނެވެ. މިޞްރުގެ ރަސްގެފާނުގެ ވަޒީރުންވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ. ސާރާއީގެ ސަބަބުން މިޞްރުގެ ރަސްގެފާނު އަބްރާމަށް ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އެރަސްގެފާނު އަބްރާމަށް ވަރަށް ގިނަ ގެރި އާއި ކަންބަޅި އަދި ހިމާރާއި ޖަމަލުގެ އެތައް ބައިވަރެއް ދެއްވިއެވެ. އަދި އަބްރާމްއަށް އެތައް ފިރިހެން އަޅުންނާއި އަންހެން އަޅުންނެއް އެރަސްގެފާނު ދެއްވިއެވެ. ސާރާއީ އާއި ދޭތެރޭ މިޞްރުގެ ރަސްގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން މާތްރަސްކަލާނގެ މިޞްރުގެ ރަސްގެފާނަށާއި ގަނޑުވަރުގެ އެންމެންގެ މައްޗަށް އެތައް ނުރައްކާތެރި ބަލިތަކެއް ފޮނުއްވައިފިއެވެ. ދެން ރަސްގެފާނު އަބްރާމް ގަނޑުވަރަށް ގެނެސް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”އަބްރާމް! ކަލޭ އަހަރެންނަށް އޮޅުވާލީ ކީއްވެ؟ އޭނާއަކީ ކަލޭގެ އަނބިމީހާ ކަމުގައި ކުރިން އަހަރެން ގާތު ނުބުނީ ކީއްވެ؟ ސާރާއީއަކީ ކަލޭގެ ކޮއްކޮ ކަމުގައި ބުނީ ކީއްވެ؟ އަހަރެންގެ އަނތްބަކަށް އޭނާ ހެދީ އެހެންވެގެން! ކަލޭގެ އަނބިމީހާ މިއިނީ. އަވަހަށް އޭނާ ގޮވައިގެން މިތަނުން ދޭ.“ ދެން އެރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރެއްވީ އަބްރާމްއާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނުގެ އަތްޕުޅުގައިވާ ހުރިހާ ތަކެއްޗާއި އެކު މިޞްރުން ބޭރަށް ފޮނުވާލުމަށެވެ.