ފެށުން. 10. މިއީ ނޫޙުގެފާނުގެ ތިންދަރިކަލުން، ސާމު އާއި ޙާމު އާއި ޔާފަޘުގެ ދަރިފަސްކޮޅު އުފުދިގެން އައި ގޮތެވެ. ފެން ބޮޑުވުމުގެ ފަހުން މި ތިން ބޭފުޅުންނަށް ވެސް ދަރިން ލިބުނެވެ. ޔާފަޘުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ޖޫމަރު އާއި، މާޖޫޖު އާއި، މާދާއި އާއި، ޔާވާން އާއި، ތޫބާލް އާއި، މާޝަކު އާއި، ތީރާސް އެވެ. ޖޫމަރުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: އަޝްކަނާޒު އާއި، ރީފާޘުއާއި، ތޫޖަރްމަތު އެވެ. ޔާވާންގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: އަލީޝަތުގެ މީހުންނާއި، ތަރްޝީޝްގެ މީހުންނާއި، ކިއްތީމުގެ މީހުންނާއި، ދޫދާނީމުގެ މީހުންނެވެ. މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ. މިބުނެވިދިޔައީ އެމީހުންގެ ގަބީލާތަކާއި ބަސްތަކާއި އެމީހުން އުޅުނު ޤައުމުތަކުގެ ނަންތަކެވެ. ޙާމުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ކޫޝް އާއި، މިޞްރާއިމް، ފޫޠު އާއި، ކަންޢާނު އެވެ. ކޫޝްގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ސަބާ އާއި، ޙަވީލަތު އާއި، ސަބުތަތު އާއި، ރަޢްމަތު އާއި، ސަބުތަކާ އެވެ. ރަޢްމަތުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ޝަބާ އާއި ދަދާން އެވެ. ކޫޝް އަކީ ނިމްރޫދުގެ ކާބަފައިކަލުން ނެވެ. ނިމްރޫދުވީ ވަރަށް މަޝްހޫރު ވެރިއަކަށެވެ. މާތްރަސްކަލާނގެ އޭނާއަށް ޝިކާރަ ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެގޮތުން މޮޅެތި ޝިކާރަވެރިންނަށް ނިސްބަތް ކުރުމުގައި މިފަދައިން މީހުން ބުނެއުޅެއެވެ. ”ނިމްރޫދަށް މާތްރަސްކަލާނގެ ދެއްވިފަދަ ޝިކާރަކުރުމުގެ ކުޅަދާނަކަމެއް ދެއްވާފައިވޭ.“ ނިމްރޫދުގެ ރަސްކަން އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ ޝިންޢާރުގެ ސަރަހައްދުތަކުގައެވެ. އޭގެތެރޭގައި ބާބިލް އާއި، އާރަކު އާއި، އައްކަދު އާއި، ކަލްނާ ހިމެނެއެވެ. ނިމްރޫދު މި ސަރަހައްދުން ދިޔައީ އައްޝޫރު އަށެވެ. އަދި އެ ސަރަހައްދުގައި ވީ ނީނަވާ އާއި ރަޙޫބޫތު ޢައިރު އާއި، ކާލަޙު އާއި، ރަސަން މިހަތަރު ރަށް ނިމްރޫދު ބިނާކުރިއެވެ. ރަސަން ވަނީ ނީނަވާ އާއި ކާލަޙު އާއި ދެމެދުގައެވެ. ނިމްރޯދު ވެރިކަން ހިންގި ސަރަހައްދުތަކުގެ ތެރެއިން ކާލަޙު ހިމެނުނީ އެންމެ ބޮޑު އަދި މަޝްހޫރު ރަށް ކަމުގައެވެ. ލޫދީންނާއި، ޢަނާމީންނާއި، ލަހާބިންނާއި، ނަފްތޫޙީންނާއި، ފަތުރޫސީންނާއި، ކަސްލޫޖީންނާއި، އަދި ކަފްތޫރީންނާއި މިހުރިހައި މީހުންގެ ކާބަފައިކަލުންނަކީ މިޞްރާއިމްއެވެ. އަދި ކަސްލޫޖީންގެ ދަރިކޮޅުގައި ފިލިސްޠީނުންގެ މީހުން ވެސް ހިމެނުނެވެ. ކަންޢާނުގެ ފުރަތަމަ ދަރިކަލުންނަކީ ޞައިދޫން އެވެ. ޞައިދޫން މީހުންގެ ކާބަފައިކަލުންނަކީ ކަންޢާނުގެ ދަރި މި ޞައިދޫން އެވެ. ޙިއްޘާއީންނާއި، ޔަބޫސީންނާއި، އަމޫރީންނާއި، ޖިރްޖާޝީންނާއި، ޙިއްވީންނާއި، ޢަރްޤީންނާއި، ސީނީންނާއި، އަރްވާދީންނާއި، ޞަމާރީންނާއި، އަދި ޙަމާތީންނާއި، މިހުރިހާ މީހުންގެ ކާބަފައިކަލުންނަކީ ވެސް ކަންޢާނުއެވެ. އެއަށް ފަހު ކަންޢާނުގެ ދަރިފަސްކޮޅު ގިނަވެ ތަފާތު ވަންހަތަކަށް ފެތުރިގެން ދިޔައެވެ. އަދި އެބައިމީހުންގެ ސަރަހައްދު ބޮޑުވެ ޞައިދޫންގެ އުތުރުން ފެށިގެން ޖަރާރުގެ ދެކުނުން ޣައްޒާ އާއި ހަމައަށް ފެތުރުނެވެ. އަދި ސަދޫމު އާއި، ޢަމޫރަތު އިރުމަތީ ސަރަހައްދުން ފެށިގެން އަދްމަތާއި، ޞަބޫއީމު އާއި ލާޝަޢަ އާއި ހަމައަށް ފެތުރުނެވެ. މިއީ ޙާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ. ސާމުއަށް ވެސް ދަރިން ލިބުނެވެ. ސާމު އަކީ ޔާފަޘުގެ ބޭބެ އެވެ. ސާމު އަކީ ޢާބިރު ދަރިކޮޅުގެ ކާބަފައިކަލުންނެވެ. ސާމުގެ ދަރިފަސްކޮޅުގައި ހިމެނިގެންވަނީ ޢީލާމު އާއި އައްޝޫރު އާއި އަރުޕަކްޝާދު އާއި ލޫދު އަދި އަރާމު އެވެ. އަރާމުގެ ދަރިފަސްކޮޅު ހިމެނިގެންވަނީ ޢޫޞް އާއި ޙޫލް އާއި ޖާޘިރު އަދި މާޝު އެވެ. އަރުޕަކްޝާދު އަކީ ޝާލަޙުގެ ބަފައިކަލުންނެވެ. އަދި ޝާލަޙު އަކީ ޢާބިރުގެ ބަފައިކަލުންނެވެ. ޢާބިރުއަށް ދެދަރިން ލިބުނެވެ. ފާލިޖު އާއި ޔަޤްޠާނު އެވެ. އަދި ދުނިޔެ ބައިބަޔަށް ބެހިގެން ދިޔައީ ފާލިޖުގެ ޙަޔާތުގައެވެ. އަލްމޫދާދު އާއި، ޝާލަފު އާއި، ޙަޒަރުމައުތު އާއި، ޔާރަޙު އާއި، ހަދޫރާމު އާއި، އޫޒާލް އާއި، ދިޤްލަތު އާއި، ޢޫބާލް އާއި، އަބީމާއިލް އާއި، ޝަބާ އާއި، އޫފީރު އާއި، ޙަވީލާ އާއި، ޔޫބާބުއާއި، މި އެންމެންގެ ކާބަފައިކަލުންނަކީ ޔަޤްޠާނު އެވެ. އެމީހުން ދިރިއުޅުނު ސަރަހައްދު ވަނީ އިރުމަތީގެ ފަރުބަދަތަކުގައިވާ ރަށްތަކު ތެރޭގައި ވާ މީޝާ އިން ފެށިގެން ސަފާރު އާއި ދިމާއަށް ފެތުރިފައެވެ. މިއީ ސާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ. މިއީ ނޫޙުގެފާނުގެ ދަރިދަރިކަލުންނާއި އަދި އެބައިމީހުންގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރުނު ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމުތަކެވެ. ފެންބޮޑުވުމަށް ފަހު މިގަބީލާތަކުން މީހުން ދުނިޔޭގެ ކަންކޮޅުތަކަށް ބެހި އެމީހުން ޤައުމުތައް ބިނާކުރިއެވެ.