ފެށުން. 9. މާތްﷲ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ރަޙުމަތް ލައްވައި މިފަދައިން ވަޙީކުރެއްވިއެވެ. ”ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރަށް ދުނިޔެ ފުރާލާ. ދުނިޔޭގައި އުޅޭހާ ޖަނަވާރަކާއި ބިމުގައި އުޅޭހާ ދިރޭއެއްޗަކާއި އުދުހޭ ދޫނިސޫފާސޫތްޕަކާއި ކަނޑުގައިވާ ނަމަ ވާހާ މަހަކާއި ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވާނެ. އެތަކެތި އެވަނީ ތިޔަބައިމީހުންގެ އަތްމައްޗަށް ދޫކޮށްލެވިފަ. ދިރިހުރި ހިނގާބިނގާވެ އުޅޭ މިފަދަ ހުރިހާ ތަކެއްޗަކީ ތިޔަބައިމީހުން ކެއުމަށް ހުއްދަ ތަކެތި. ތިމަންކަލާނގެ ތިޔަބައިމީހުންގެ ކާނާއަށްޓަކައި ފެހިގަސްތައް ދެއްވި ފަދައިން މިހާރު ހުރިހާ އެއްޗެއް ކައިއުޅުމަށް ވެސް ތިޔަބައިމީހުންނަށް ހުއްދަ ދެއްވަން. ދިރޭއެއްޗެއް ކަތިލުމަށް ފަހު އޭގެ ލޭ ބޭރުވެ ހުސްވީމާ ނޫނީ ތިޔަބައިމީހުން އޭގެ މަސް ކައިގެން ނުވާނެ. ތިމަންކަލާނގެ ވަޙީކުރައްވަން: ތިޔަބައިމީހުން އެކަކުވެސް އަނެކަކު މަރައިގެން ނުވާނެ. ޖަނަވާރަކު މީހަކު މަރައިފިނަމަ ތިޔަބައިމީހުން އެއެއްޗެއް މަރަން ޖެހޭނެ. މީހަކު އެހެންމީހަކު މަރާލައިފިނަމަ ތިޔަބައިމީހުން އެމީހަކު މަރަން ޖެހޭނެ. ތިމަންކަލާނގެ އިންސާނުން ހެއްދެވީ ތިމަންކަލާނގެ ސިފަފުޅުގައި. ވީއިރު ތިޔަބައިމީހުން އެކަކު އަނެކަކު މަރައިފިނަމަ އެމީހާ އެހެން މީހެއްގެ އަތުން މަރުވާން ޖެހޭނެ. ތިމަންކަލާނގެ ތިޔަބައިމީހުންނަށް ވަޙީކުރައްވަން: ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރު ކުރޭ. އަދި މުޅި ދުނިޔެ އާބާދު ކުރޭ.“ ދެން މާތްﷲ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ވަޙީކުރެއްވިއެވެ. ”މިއަދު ތިޔަބައިމީހުންނާ އަދި ތިޔަބައިމީހުންގެ ދަރިފަސްކޮޅާއި އެކު ތިމަންކަލާނގެ ޢަހުދުނާމާއެއް ގާއިމު ކުރައްވަން. އަދި ތިޔަބައިމީހުންނާއި އެކު ނަވުގައި ވީ އެންމެހާ ޖަނަވާރަކާއި ބިމުގައި އުޅޭ ހުރިހާ ދިރޭތަކެއްޗާއި ދޫނިސޫފާސޫތްޕަކާއި އެކު ތިމަންކަލާނގެ ޢަހުދުނާމާ ގާއިމު ކުރައްވަން. ތިމަންކަލާނގެ ގާއިމު ކުރައްވާ ޢަހުދުނާމާއަކީ މިއީ: މީގެ ފަހުން ދުވަހަކުވެސް ފެންބޮޑުވުމުގެ ސަބަބުން ދިރުންހުރި ހުރިހާ އެއްޗެއްސެއް މުޅިން ނެތިވެ ފަނާވެގެން ނުދާނެ. އަދި މީގެ ފަހުން ދުވަހަކުވެސް ބިމަށް ގެއްލުންވާ ފަދައިން ފެންބޮޑުވިޔަ ނުދެއްވާނަން.“ ދެން ވެސް މާތްﷲ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އާއި ތިޔަބައިމީހުންނާއި އަދި ދިރިހުރި ހުރިހާ ތަކެއްޗަކާއި އަދި ދުނިޔޭގައި އަންނަން އޮތް އެހެން ޖީލުތަކާ މެދު މިކުރައްވާ ޢަހުދުނާމާގެ ހެއްކަކީ މިއީ. ތިމަންކަލާނގެ ދުނިޔެއާއި މެދު މިވީ ޢަހުދުނާމާގެ ހެއްކެއްގެ ގޮތުން ތިމަންކަލާނގެ ވިލާތަކުގެ ތެރޭގައި ވިއްސާރަދުނި ލައްވައިފިން. ތިމަންކަލާނގެ ދުނިޔެއަށް ވިލާތައް ފޮނުއްވާ އެވިލާތަކުގެ ތެރެއިން ވިއްސާރަދުނި ފެންނަ ކޮންމެ ފަހަރަކު ތިޔަބައިމީހުންނާއި އަދި ދިރިހުރި ހުރިހާ ތަކެއްޗާއި އެކު މިކުރެއްވި ޢަހުދުނާމާ ހަނދުމަ ކުރައްވާނަން. މީގެ ފަހުން ދުވަހަކުވެސް ފެންބޮޑުވެ ހުރިހާ ދިރުމެއް ނެތިދާނެ ފަދަ ގޮތެއް މެދުވެރިއެއް ނުކުރައްވާނަން. ކޮންމެ ފަހަރަކުވެސް އެވިއްސާރަދުނި ފާހަގަކުރައްވައި، ތިމަންކަލާނގެއާއި ދިރިހުރި ހުރިހާ ތަކެއްޗާއި ދެމެދުގައި މިކުރެއްވުނު ނިމުމެއް ނުވާ ޢަހުދުނާމާގެ މަތިން ހަނދުމަފުޅު ކުރައްވާނަން. ތިމަންކަލާނގެއާއި ދިރިހުރި ހުރިހާ ތަކެއްޗާއި މެދު ކުރެވުނު ޢަހުދުނާމާގެ ހެއްކަކީ މިއީ.“ ނައުކޮޅުން ފޭބި ނޫޙުގެފާނުގެ ތިން ދަރިކަލުންނަކީ ސާމާ އާއި ޙާމާ އާއި ޔާފަޘު އެވެ. ޙާމުއަކީ ކަންޢާނުގެ ބައްޕައެވެ. މިއީ ނޫޙުގެފާނުގެ ތިންދަރިކަލުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަރިފަސްކޮޅު ފެތުރިގެން ގޮސްފައި ވަނީ މި ތިން ބޭކަލުންގެ ދަރިކޮޅުންނެވެ. ނޫޙުގެފާނު ދަނޑުވެރިކަން ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މޭބިސްކަދުރު ދަނޑެއް ހެއްދެވިއެވެ. އެއްދުވަހަކު މޭބިސްކަދުރުގެ ދިޔަ ހުތްކޮށްގެން ހެއްދެވި ބުއިން ހިއްޕެވި ތަނާ އެކަލޭގެފާނު މަސްތުވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ފޭލިގެކޮޅު ތެރެއަށް ވެއްޓިވަޑައިގެން އޮރިޔާން ޙާލުކޮޅުގައި އަވަހާރަފުޅު ލެއްޕެވުނެވެ. ކަންޢާނުގެ ބައްޕަ ޙާމުއަށް ނޫޙުގެފާނު އޮރިޔާން ޙާލުކޮޅުގައި އޮންނެވިތަން ފެނި ފޭލިގެކޮޅު ބޭރުގައި ތިބި އޭނާގެ ދެބޭބެއިން ކައިރީ އެވާހަކަ ބުނެފިވެ. ދެން ސާމު އާއި ޔާފަޘު ފޮތިގަނޑެއް ހިފައިގެން އެފޮތިގަނޑު އެމީހުންގެ ބުރަކަށިމަތީގައި ބާއްވައިގެން ފުރަގަހަށް އެނބުރި ތިބެ ގޮސް އޮރިޔާން ޙާލުކޮޅުގައި އޮންނެވި އެމީހުންގެ ބައްފާފުޅުގެ ގައިކޮޅުގައި އެޅުއްވިއެވެ. އޭރު އެމީހުންގެ މޫނުތައް ވަނީ އަނެއް ފަރާތަށެވެ. އެއީ އެމީހުންގެ ބައްޕާފުޅު އޮރިޔާން ޙާލުކޮޅުގައި އޮންނެވިތަން ބެލުމަށް ނޭދޭތީ އެވެ. ނޫޙުގެފާނު މަސްތުކަމުން ހޭފުޅު ލެއްވުމުން އެކަލޭގެފާނުގެ ހަގު ދަރިފުޅު ޙާމް އެކަލޭގެފާނާއި ދޭތެރޭ ކަންތައް ކުރި ގޮތް އެނގިވަޑައިގެން ވިދާޅުވިއެވެ. ”ކަންޢާނުގެ މައްޗަށް މާތްﷲގެ ކޯފާ ލައްވާހުށި. އޭނާއަކީ އޭނާގެ ބައްޕަގެ ބޭބެއިންގެ އަޅުންގެ ތެރެއިން އެންމެ ދަށް އަޅު ކަމުގައި ވާހުށި.“ ދެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”ސާމުގެ ކަލާނގެ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ހުރި. ކަންޢާނުއަކީ ސާމުގެ އަޅަކު ކަމުގައި ލައްވާހުށި. މާތްﷲ ޔާފަޘުއަށް މިލްކުވެގެންވާ ސަރަހައްދު އިތުރު ކުރައްވާހުށި. ޔާފަޘު ސާމުގެ ފޭލިގެތަކުގައި ދިރިއުޅޭ ހުށި. އަދި ކަންޢާނުގެ ދަރިފަސްކޮޅަކީ އޭނާގެ ބައްޕަގެ ދެބޭބެއިންނާއި އެދެމީހުންގެ ދަރިފަސްކޮޅުގެ އަޅުން ކަމުގައި ވާހުށި.“ ފެންބޮޑުވުމަށް ފަހު ވެސް ނޫޙުގެފާނު ތިން ސަތޭކަ ފަންސާސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. ނޫޙުގެފާނު އަވަހާރަވީ މުޅިއެކު ނުވަ ސަތޭކަ ފަންސާސް އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހުގައެވެ.