ފެށުން. 6. ދުނިޔޭގައި އިންސާނުންގެ އަދަދު ގިނަގުނަ ވަމުން ދިޔައެވެ. މާތްކަލާނގެ ދަރިންނަށް އިންސާނުންގެ އަންހެން ދަރިން ފެނި އެމީހުން ރީތިވިއެވެ. އެކުދިންގެ ތެރޭން އެމީހުން ރުހޭ ކުއްޖަކާ އެ ދަރިން ކައިވެނި ކުރިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ދިރުންދޭ ނޭވާއެއް އަބަދަކު އިންސާނުންނާއި އެކުގައި ނުވާނެ. އެއީ އެމީހުންނަކީ ފަނާވެ ނެތިދާނެ ބައެއް. އެމީހުންގެ މުއްދަތަކަށް ވާނީ ސަތޭކަ ވިހި އަހަރު.“ ތަޤުވާވެރިންގެ ފިރިހެންދަރިންނާ އެހެން އިންސާނުންގެ އަންހެންދަރިން ކައިވެނިކޮށް އެމީހުންނަށް ލިބުނު ދަރިންގެ ފަރާތުން އުފެދުނު ދަރިކޮޅުގެ މީހުންނަކީ އިވަޖު ބާގައިގެ މީހުންނެވެ. އެދުވަސްވަރުގައާއި އަދި އޭގެފަހުގެ ޒަމާންތަކުގައި ވެސް މިފަދަ މީހުން ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންނަކީ އިހުޒަމާނުގެ މޮޅެތި ޤަދަރުހުރި މީހުންނެވެ. އިންސާނުންގެ ނުބައިކަމުގެ ބޮޑުކަން ދުނިޔޭގައިވާ މިންވަރު މާތްރަސްކަލާނގެ ދެކެވޮޑިގެންވިއެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އުފެދެނީ ނުބައިނުލަފާ ޚިޔާލުތައް ކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ. މާތްރަސްކަލާނގެ އިންސާނުން ހެއްދެވުނީތީ އެކަމާ ހިތާމަފުޅު ކުރެއްވިއެވެ. އެކަލާނގެ ހިތްޕުޅުވަނީ ވޭނުން ފުރިފައެވެ. ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އުފެއްދެވި އިންސާނުން މިދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އިންސާނުންނާއި ޖަނަވާރުންނާއި ބިމުގައި ދިރިއުޅޭ ހުރިހާ އެއްޗަކާއި ޖައްވުގައި އުދުހޭ ދޫނިތަކާ ހުރިހާ އެއްޗެއް ދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އެއީ އެތަކެތި ހެއްދެވުނު ކަމުގެ މައްޗަށް މިހާރު ތިމަންކަލާނގެ ހިތާމަ ކުރައްވަން ޖެހުނީތީ.“ އެހެނަސް ނޫޙުގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ރުއްސެވުން ލިބިވަޑައިގެންނެވިއެވެ. މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްﷲ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަންމަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ. ނޫޙުގެފާނަށް ތިން ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ ސާމާ އާއި ޙާމާ އާއި ޔާފަޘު އެވެ. މާތްﷲގެ ކުރިފުޅުމަތީ ދުނިޔޭގެ މީސްތަކުން ވަނީ އަނިޔާވެރިކަމާއި ނުބައިނުލަފާކަމުގެ ތެރެއަށް ވެއްޓިފައެވެ. ދުނިޔެ އަނިޔާވެރިކަމާއި ނުބައިނުލަފާކަމުގެ ތެރެއަށް ވެއްޓިފައިވާ މިންވަރު މާތްﷲ ދެކެވޮޑިގެންވިއެވެ. ދެން މާތްﷲ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ދުނިޔޭގައިވާ ހުރިހާ އެންމެން ނެތިކޮށްލައްވާނަން. އެއީ ދުނިޔެ އަނިޔާވެރިކަމުން ފުރިފައި ވަނީ އެމީހުންގެ ސަބަބުން. ހަމަކަށަވަރުން ވެސް ވަރަށް އަވަހަށް ތިމަންކަލާނގެ އެމީހުންނާއި ދުނިޔެވެސް ނެތިކޮށް ލައްވާނަން. ފަހެ ނޫޙު، ޖުފްރި ގަހުގެ ލަކުޑިން ނަވެއް ބަނދޭ. އެނަވުގައި ކޮޓަރިތަކެއް ހަދާ، އަދި އެނަވުގެ ބޭރާއި އެތެރެފަރާތުގައި ކަތުރާން އުނގުޅާ.“ ”އެނައު ބަންނައިރު، އެނަވުގެ ދިގުމިނުގައި ދުއިސައްތަ ރިޔަން (ގާތްގަނޑަކަށް 450 ފޫޓު)، ފުޅާމިނުގައި ތެއްތިރީސް ރިޔަން (ގާތްގަނޑަކަށް 75 ފޫޓު)، އުސްމިނުގައި ވިހި ރިޔަން (ގާތްގަނޑަކަށް 45 ފޫޓު) ހުންނަ ގޮތުގެ މަތިން ބަނދޭ. އެނަވަށް ފުރާޅެއް ވެސް ހަދާ، ނަވުގެމަތީގައި އެއް މުށް ހުންނަހާ ދުރުމިނުގައި އެފުރާޅު ހަރުކުރޭ. އެއަށް ފަހު ތިންފަންގިފިލާ ހަދައި ނަވުގެ އަރިމަތީގައި ދޮރެއް ހަރުކުރޭ.“ ”ތިމަންކަލާނގެ މުޅި ދުނިޔެ ފެންބޮޑުވާ ވަރަށް ދުނިޔެއަށް ފެން ފޮނުއްވާނަން. އޭގެ ސަބަބުން އުޑުދަށުގައިވާ ހުރިހާ އެއްޗެއް ނެތިގެންދާނެ. ދުނިޔޭގައި ދިރިހުރުމުގެ ނޭވާލާ ހުރިހާތަކެއްޗެއް ތިމަންކަލާނގެ ނެތިކޮށްލައްވާނަން. ނަމަވެސް ތިމަންކަލާނގެ ތިބާއާއި އެކުގައި ޢަހުދުނާމާއެއް ކުރައްވާނަން. އެނަވަށް އަރާ. އަދި ތިބާގެ ދަރިންނާއި އަނބިންނާއި އަދި އެ ދަރިންގެ އަނބީން ވެސް އެނަވަށް އަރުވާ.“ ”އަދި ދުނިޔޭގައި ވާހާ ދިރޭ ތަކެތީގެ ތެރެއިން ކޮންމެ ވައްތަރަކުން ޖޯޑެއް ވެސް އެނަވަށް އަރުވާ. އެއިން ކޮންމެ ވައްތަރަކުން ވެސް އަންހެން އެއްޗަކާއި ފިރިހެން އެއްޗެއް އަރުވާ. އެ އެއްޗެތި ސަލާމަތުން ބައިތިއްބާ. ހުރިހާ ދޫނީގެ ވައްތަރަކުން ވެސް ދޭތި އަދި ޖަނަވާރުތަކުގެ ތެރެއިން ވެސް ވައްތަރަކުން ދޭތި އަދި ބިމުގައި ވާހާ ދިރޭ އެއްޗަކުން ވެސް ވައްތަރަކުން ދޭތި ތިބާއާއެކު ދިރިހުރުމަށްޓަކައި އަންނާނެ. ތި އެންމެން ކެއުމަށް ބޭނުންވާނޭ ހުރިހާ ވައްތަރެއްގެ ކާނާ ވެސް ނަވަށް އަރުވާފައި ބަހައްޓާ. އެއީ އޭގައި ގެންދާ މީހުންނާއި ދިރޭ ތަކެތި ކެއުމަށްޓަކައި.“ ނޫޙުގެފާނު މާތްﷲ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ހުރިހާ ކަމެއްވެސް ކުރެއްވިއެވެ.