ފެށުން. 5. މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްﷲ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ. އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ. އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ. އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ. އާދަމްގެފާނު މުޅިއެކު ނުވަ ސަތޭކަ ތިރީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އާދަމްގެފާނު އަވަހާރަވީއެވެ. ޝީޘްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަފަސް އަހަރުގައި އެކަލޭގެފާނަށް އަނޫޝް ލިބިވަޑައިގެންނެވިއެވެ. އަނޫޝް ލިބިވަޑައިގަތުމަށް ފަހު ޝީޘްގެފާނު އަށްސަތޭކަ ހަތް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދި އެހެނިހެން ދަރިދަރިކަލުންނާއި ދަރިދަރި ކަނބަލުން ޝީޘްގެފާނަށް ލިބިވަޑައިގެންނެވިއެވެ. ޝީޘްގެފާނު މުޅިއެކު ނުވަ ސަތޭކަ ބާރަ އަހަރު ވަންދެން ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އަވަހާރަވީއެވެ. އަނޫޝްގެ އުމުރުން ނުވަދިހަ އަހަރުގައި އޭނާއަށް ޤައިނާން ލިބުނެވެ. ޤައިނާން ލިބުމަށް ފަހު އަނޫޝް އަށްސަތޭކަ ފަނަރަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް އަނޫޝްއަށް ލިބުނެވެ. އަނޫޝް މުޅިއެކު ނުވަ ސަތޭކަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ. ޤައިނާންގެ އުމުރުން ހަތްދިހަ އަހަރުގައި އޭނާއަށް މަހްލަލްއީލު ލިބުނެވެ. މަހްލަލްއީލު ލިބުމަށް ފަހު އަށްސަތޭކަ ސާޅީސް އަހަރު ޤީނާން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޤައިނާންއަށް ލިބުނެވެ. ޤައިނާން މުޅިއެކު ނުވަސަތޭކަ ދިހަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ. މަހްލަލްއީލުގެ އުމުރުން ފަސްދޮޅަސް ފަސް އަހަރުގައި އޭނާއަށް ޔާރިދު ލިބުނެވެ. ޔާރިދު ލިބުމަށް ފަހު އަށްސަތޭކަ ތިރީސް އަހަރު މަހްލަލްއީލު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް މަހްލަލްއީލުއަށް ލިބުނެވެ. މަހްލަލްއީލު މުޅިއެކު އަށްސަތޭކަ ނުވަ ދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ. ޔާރިދުގެ އުމުރުން ސަތޭކަ ފަސްދޮޅަސް ދެ އަހަރުގައި އޭނާއަށް އިދުރީސްގެފާނު ލިބުނެވެ. އިދުރީސްގެފާނު ލިބުމަށް ފަހު އަށް ސަތޭކަ އަހަރު ޔާރިދު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޔާރިދަށް ލިބުނެވެ. މުޅިއެކު ނުވަ ސަތޭކަ ފަސްދޮޅަސް ދެ އަހަރު ޔާރިދު ދުނިޔޭގައި އުޅުމަށް ފަހު އޭނާ މަރުވީއެވެ. އިދުރީސްގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް ފަސް އަހަރުގައި އެކަލޭގެފާނަށް މަތޫޝާލިޙު ލިބިވަޑައިގެންނެވިއެވެ. މަތޫޝާލިޙު ލިބިވަޑައިގަތުމަށް ފަހު ތިންސަތޭކަ އަހަރު އެކަލޭގެފާނު މާތްﷲ ރުހިވޮޑިގަންނަވާ މަގުން ހިންގެވިއެވެ. އަދި އެކަލޭގެފާނަށް އިތުރު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ. އިދުރީސްގެފާނު މުޅިއެކު ތިންސަތޭކަ ފަސްދޮޅަސް ފަސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އިދުރީސްގެފާނު މާތްﷲއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ. އަދި މާތްﷲ އިދުރީސްގެފާނު އަވަހާރަ ނުވަނީސް އެކަލާނގެއާއެކުގައި ވުމަށް ގެންދެއްވިއެވެ. މަތޫޝާލިޙުގެ އުމުރުން ސަތޭކަ އަށްޑިހަ ހަތް އަހަރުގައި އޭނާއަށް ލާމިކު ލިބުނެވެ. ލާމިކު ލިބުމަށް ފަހު އޭނާ ހަތްސަތޭކަ އަށްޑިހަ ދެ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެންވެސް ފިރިހެންދަރިންނާ އަންހެންދަރިން ލިބުނެވެ. މަތޫޝާލިޙު މުޅިއެކު ނުވަސަތޭކަ ފަސްދޮޅަސް ނުވަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ. ލާމިކުގެ އުމުރުން ސަތޭކަ އަށްޑިހަ ދެ އަހަރުގައި އޭނާއަށް ވެސް ފިރިހެން ދަރިކަލަކު ލިބުނެވެ. އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ. ލާމިކު ބުންޏެވެ. ”މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.“ ނޫޙުގެފާނު ލިބުމަށް ފަހު ލާމިކު ފަސްސަތޭކަ ނުވަދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އެހެންވެސް އަންހެންދަރިންނާއި ފިރިހެންދަރިން އޭނާއަށް ލިބުނެވެ. ލާމިކު މުޅިއެކު ހަތްސަތޭކަ ހަތްދިހަ ހަތް އަހަރު ދުނިޔޭގައި އުޅުމަށް ފަހު މަރުވީއެވެ. ނޫޙުގެފާނުގެ އުމުރުފުޅުން ފަސްސަތޭކަ އަހަރުގައި އެކަލޭގެފާނަށް ތިން ފިރިހެންދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެތިން ދަރިކަލުންގެ ނަމަކީ ސާމާ އާއި ޙާމާ އާއި ޔާފަޘު އެވެ.