ފެށުން. 4. އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“ އެއަށް ފަހު ވެސް ޙައްވާގެފާނަށް އިތުރު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ހާބީލްގެ ނަމުން ނަންދެއްވިއެވެ. މިދެބޭން ބޮޑުވުމަށް ފަހު ހާބީލް ކުރަންފެށި މަސައްކަތަކީ ކަންބަޅިބަކަރި ބެލެހެއްޓުމެވެ. ޤާޔީން ކުރަނީ ދަނޑުވެރިކަމެވެ. ދުވަސްކޮޅަކަށް ފަހު ޤާޔީން އޭނާގެ ދަނޑުގައި ހެއްދި ތަކެތީގެ ތެރެއިން ބައެއް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި ގެނެސްފިއެވެ. ހާބީލް ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި އޭނާގެ ކަންބަޅިބަކަރިތަކަށް ލިބުނު ފުރަތަމަ ދަރިންތައް ކަތިލައި އޭގެ އެންމެ މަސްހުރި ރަނގަޅު ބައިތައް ގެނައެވެ. މާތްރަސްކަލާނގެ ހާބީލް އާއި، އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އޭނާ ގެނައި ތަކެއްޗާ މެދު، ރުހިވޮޑިގެންވިއެވެ. ނަމަވެސް ޤާޔީން އާއި އޭނާ ގެނައި ތަކެއްޗާ މެދަކު އެކަލާނގެ ރުހިވޮޑިއެއް ނުގެންނެވިއެވެ. މިކަމުގެ ސަބަބުން ޤާޔީން ވަރަށްބޮޑަށް ރުޅިއައިސް، ދެރަވެ އަދި ލަދުގެންފިއެވެ. ދެން މާތްރަސްކަލާނގެ ޤާޔީންއަށް ވަޙީ ކުރެއްވިއެވެ. ”ކަލޭ ތިޔަ ރުޅި އައީ ކީއްވެ؟ ކަލޭ ތިޔަ ލަދުގަތީ ކީއްވެ؟ ކަލޭވެސް ރަނގަޅަށް ކަންތައް ކުރަނީ ނަމަ ތިމަންކަލާނގެ ކަލެއާ ދޭތެރޭ ވެސް ރުހިވޮޑި ނުގަންނަވާ ނަމުތަ؟ ނަމަވެސް ކަލޭ ރަނގަޅަށް ކަންތައްތައް ނުކުރަނީ ނަމަ ކަލޭގެ ގޭގެ ދޮރުމަތީގައި ވެސް މިނިކާ ވަގެއް ފަދައިން ފާފަ އޮންނާނެ. އޭގެ ބޭނުމަކީ ކަލެއަށް ޙަމަލާދީ ކަލޭ އަތުލައިގަތުން. ކަލޭ ޖެހޭނީ އެއަށް ވުރެ ގަދަ ވާން.“ ދެން ޤާޔީން ގޮސް އޭނާގެ ކޮއްކޮގާތު ބުންޏެވެ. ”ހިނގާ ދަނޑުތެރެއަށް ދާން.“ ދެން ދަނޑުތެރެއަށް ދެވުމުން ޤާޔީން އޭނާގެ ކޮއްކޮއަށް ހަމަލަދީ މަރާލިއެވެ. މާތްރަސްކަލާނގެ ޤާއިންއަށް ވަޙީކުރެއްވިއެވެ. ”ޤާޔީން! ކަލޭގެ ކޮއްކޮ ހާބީލް ކޮބާ؟“ މީގެ ޖަވާބުގައި ޤާޔީން ދެންނެވީ މިހެންނެވެ. ”އޭނާ ވީތަނެއް މަށަކަށް ނޭނގެ. މަމީ މަގޭ ކޮއްކޮ ބަލަހައްޓާ މީހާތަ؟“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ އެބަ އާދޭސް ދަންނަވާ ކަލެއަށް އަދަބު ދިނުމަށް އެދި. ތިމަންކަލާނގެ ކޯފާ ކަލޭގެ މައްޗަށް ލެވިގެންވޭ. ކަލޭ ކަލޭގެ ކޮއްކޮގެ ލޭ ބިންމައްޗަށް އޮހޮރުވައިފި. ބިމުގައި މީގެ ފަހުން ކަލޭ ގޮވާންކުރުމަށް ކުރާ މަސައްކަތަކުން ކަލެއަކަށް އެއްވެސް ފައިދާއެއް ނުވާނެ. ކަލޭ ދަނޑު ހައްދަން އުޅުނަސް ކަލެއަކަށް އެ ބިމަކުން ފައިދާއެއް ނުލިބޭނެ. ކަލޭ ވާނީ ގެދޮރުނެތި އެތަންމިތަނުގައި ލާހޫރޭ މީހަކަށް.“ ޤާޔީން މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ތިޔަ އަދަބަކީ މިއަޅާއަށް ކެތްކުރެވޭ ވަރުގެ އަދަބެއް ނޫން. މިއަދު އިނބަރަސްކަލާނގެ މިއަޅާ މި ބިމުން ތިޔަ ފޮނުއްވާލައްވަނީ. އަދި މިއަދުން ފެށިގެން މިއަޅާއަށް ޖެހޭނީ އިނބަރަސްކަލާނގެ ކިބަފުޅާ ދުރުގައި ފިލައިގެން އުޅެން. މިއަޅާ ވާނީ ލާހޫރޭ މީހަކުކަމުގައި. މިއަޅާ އެފަދަ ޙާލެއްގައި ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ އެމީހަކު މިއަޅާ މަރާވެސްލާނެ.“ މާތްރަސްކަލާނގެ އޭނާއަށް ވަޙީކުރެއްވިއެވެ. ”އެއްގޮތަކަށްވެސް ތިޔަހެނެއް ނުވާނެ. އެއްވެސް މީހަކު ޤާޔީން މަރާލައިފިނަމަ އެމީހެއްގެ ކިބައިން އެކަމުގެ ބަދަލު ހަތް ގުނައަށް ހިފޭނެ.“ އަދި ޤާޔީން ފެންނަ އެއްވެސް މީހަކު އޭނާ މަރާނުލާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން މާތްރަސްކަލާނގެ އޭނާގެ ގައިގައި ފާހަގައެއް ޖެއްސެވިއެވެ. ދެން ޤާޔީން މާތްރަސްކަލާނގެ ކިބަފުޅާ ދުރަށްގޮސް ޢަދަންގެ އިރުމަތީ ފަރާތުގައިވާ ނޫދުއޭ ކިޔުނު ސަރަހައްދުގައި ދިރިއުޅެން ފަށައިފިއެވެ. ޤާޔީން އޭނާގެ އަންހެނުންނާއިއެކު ރޭކުރިއެވެ. އޭގެފަހުން އޭނާގެ އަންހެނުން ބަލިވެ އިނދެ ޙަނޫކު ވިހެއެވެ. އޭރު ޤާޔީން ރަށެއް ބިނާކުރަމުން ދިޔައެވެ. އޭނާ އެރަށަށް ނަންދިނީ އޭނާގެ ފިރިހެން ދަރިފުޅު ޙަނޫކުގެ ނަމުންނެވެ. ޙަނޫކު ބޮޑުވެގެން އޭނާއަށް ލިބުނު ދަރިފުޅުގެ ނަމަކީ ޢީރާދު އެވެ. ޢީރާދު ބޮޑުވެގެން އޭނާއަށް ލިބުނު ދަރިފުޅުގެ ނަމަކީ މަޙޫޔާއީލް އެވެ. އަދި މަޙޫޔާއީލް އަކީ މަތޫޝާއީލްގެ ބައްޕައެވެ. މަތޫޝާއީލް އަކީ ލާމިކުގެ ބައްޕައެވެ. ލާމިކު ކައިވެނިކުރީ ދެ އަންހެނުންނާއެވެ. އެކަކުގެ ނަމަކީ ޢާދަތު އެވެ. އަނެކަކުގެ ނަމަކީ ޞިއްލަތު އެވެ. ޢާދަތު ވިހޭ ފިރިހެން ދަރިފުޅުގެ ނަމަކީ ޔާބާލް އެވެ. މީނާއަކީ ގެރި ބަކަރިއާއި ޖަމަލާއި ހިމާރުފަދަ ތަކެތި ބަލަހައްޓާ ފޭލިގެތަކުގައި ދިރިއުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ. މީނާގެ ފިރިހެން ކޮއްކޮގެ ނަމަކީ ޔޫބާލް އެވެ. އޭނާއަކީ އޫދާއި ފުމޭއޮނުން މިޔުޒިކު ކުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ. ޞިއްލަތުއަށް ވެސް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ ތޫބާލްޤާޔީން އެވެ. އޭނާގެ މަސައްކަތަކީ ކަފުލޮއިންނާ ދަގަނޑުން އެކިފާޑުފާޑުގެ ތަކެތި ހެދުމެވެ. ތޫބާލްޤާއިންގެ އަންހެން ކޮއްކޮގެ ނަމަކީ ނިޢުމަތު އެވެ. އެއްދުވަހަކު ލާމިކު އޭނާގެ ދެ އަނބީން، ޢާދަތު އާއި ޞިއްލަތުއަށް ބުންޏެވެ. ”އަހަރެންނަށް ޙަމަލާދީ އަހަރެންގެ ހަށިގަނޑު ޒަޚަމްކޮށްލި ޒުވާނާ އަހަރެން މަރާލައިފިން. ޤާޔީންގެ މަރުގެ ދިޔައަކަށް ހަތް ފުރާނަ ހިފި ނަމަ، އަހަރެންގެ މަރުގެ ދިޔައަކަށް ހަތްދިހަ ހަތްފުރާނެ ދޭން ޖެހޭނެ.“ އާދަމްގެފާނު ޙައްވާގެފާނާއި އެކު ރޭކުރެއްވުމަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވައި އެހެން ފިރިހެން ދަރިކަލަކައިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޙައްވާގެފާނު ޝީޘްއޭ ވިދާޅުވެ ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”ޤާޔީން ހާބީލް މަރާލި. އެކަމަކު މިހާރު ހާބީލްގެ ބަދަލުގައި މާތްރަސްކަލާނގެ އަނެއްކާވެސް އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“ ޝީޘްގެފާނަށް ވެސް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދަރިކަލުންނަށް ދެއްވި ނަމަކީ އަނޫޝްއެވެ. އެދުވަސްވަރު އިންސާނުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައި ޔަހޫވޭ މި ނަންފުޅުން މުޚާތަބު ކުރަން ފެށިއެވެ.